ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ވޯޓު ހޯދުމަށް ކަމަށް ތުހުމަތުކުރެވޭ ގޮތަށް ޕަބްލިކް ވޯކްސްއަށް 500 އަށްވުރެ ގިނަ މުވައްޒަފުން ނަގާ މައްސަލަ ބަލާކަން ނުވަތަ ނޫންކަން ބުނަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެކޮޅު ހަދައިފިއެވެ. މިކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ތަކުރާރުކޮށް އޭސީސީއަށް ގުޅުމުންވެސް އެއްވެސް ޖަވާބެއް މިހާތަނަށް ދީފައެއް ނުވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބު ކައިރިވެފައިވަނިކޮށް، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ ޕަބްލިކް ވޯކްސްގެ ހިދުމަތް އަތޮޅު ތެރޭގައި ފުޅާކުރުމަށް 15 އަތޮޅެއްގައި 19 ޔުނިޓެއް ގާއިމުކޮށް، 550 އަށްވުރެ ގިނަ މުވައްޒަފުން އަންނަ މަހުގެ ކުރިން ނަގާނެ ކަމަށް ހާމަކުރައްވާފައެވެ. މިނިސްޓަރ ޝަރީފް ވިދާޅުވެފައިވަނީ މި މަސައްކަތް ކުރިއަށްގެންދަނީ ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ކަމަށެވެ.
އޭސީސީން މިދިޔަ ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި އިންތިހާބާ ދިމާކޮށް ތާއީދު ހޯދުމަށް ރިޝްވަތު ދިނުން ފަދަ ކަންކަން ފާހަގަކުރެވިއްޖެނަމަ ރިޕޯޓުކުރުމަށް އެދި، އެފަދަ މައްސަލަތައް ނުބަލައި ދޫކޮށްނުލާނެކަމުގެ ޔަގީންކަން ދީފައިވާއިރު، ސަރުކާރުގެ މިނިސްޓަރަކު ސީދާ އިންތިހާބާ ދިމާކޮށް ސަތޭކަތަކުން މުވައްޒަފުން ނެގުމުގެ މައްސަލައާމެދު ހަނުހުރުމެވެ. މިއީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުސްތަގިއްލު މުއައްސަސާއެއްގެ ދައުރު އަދާކުރުމުގައި އޭސީސީ ފަސްޖެހިފައިވާކަން ދައްކުވައިދޭ ހެއްކެއްކަމަށް ސިޔާސީ މާހިރުން ދެކެއެވެ.