ވެރިކަން ކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލުގެ ޖަލްސާތައް ވިދިވިދިގެން ކޯރަމް ހަމަނުވެ ބާޠިލުވަމުންދާ މައްސަލަ އިތުރަށް ބޮޑުވަމުންދާކަން ފާހަގަކުރެވެއެވެ. އިއްޔެގެ ޖަލްސާއަށް ވެސް ހާޒިރުވެފައިވަނީ އެންމެ ހަތް ކައުންސިލަރުންނެވެ. މިއީ ކޯރަމް ހަމަކުރުމަށް ބޭނުންވާ 10 މެންބަރުންގެ ބަދަލުގައި އެއަށްވުރެ މާ މަދު އަދަދެކެވެ. ކައުންސިލުގެ 19 މެންބަރުންގެ ތެރެއިން 14 މެންބަރުން ނިސްބަތްވަނީ ޕީއެންސީއަށް ކަމަށްވާއިރު، ހާޒިރީގެ މައްސަލަ ދިމާވަނީ އެ ޕާޓީގެ މެންބަރުންގެ ފަރާތުންނެވެ.
މިއީ ޕީއެންސީ ކައުންސިލަރުން ވިދިވިދިގެން ކެންސަލް ކޮށްލި 4 ވަނަ ޖަލްސާއެވެ. މީގެ އިތުރުންވެސް ވަނީ މިފަދައިން އެތައް ޖަލްސާއެއް ރައީސް މުއިއްޒުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ޕީއެންސީ ކައުންސިލަރުން ނައިސް ކެންސަލް ކޮށްފައެވެ.
އިއްޔެގެ ޖަލްސާގެ އެޖެންޑާގައި ހިމެނިފައިވާ މުހިންމު މައްސަލަތަކުގެ ތެރޭގައި މާލޭގެ މަގުތަކުގައި ކުނި ފުނިފުނި ޖަހާފައި ނުނަގާ ހުންނަ މައްސަލައާއި، ކުނި ލޮރީން މަގުމައްޗަށް ދިޔަ ފައިބާ މައްސަލަ، އަދި މަގުމަތީގައި އުޅޭ ބުޅާތައް ބުޅާ ފެސިލިޓީއަށް ނުގެންދާ މައްސަލަ ހިމެނެއެވެ. މީގެއިތުރުން ސިނަމާލެއާއި މާލެ ހިޔާ ފްލެޓްތަކަށް ކުލި ނުދައްކާ ހުރި ފަރާތްތަކުގެ ޖޫރިމަނާ މާފުކޮށްދިނުމުގެ މައްސަލަވެސް އެޖެންޑާގައި ހިމެނިފައިވެއެވެ. މި މައްސަލަތަކަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅުންހުރި މައްސަލަތަކެއް ކަމަށްވާއިރު، ޕީއެންސީގެ ކައުންސިލަރުންގެ ހާޒިރީގެ މައްސަލައާ ގުޅިގެން މި މައްސަލަތައް ނުބެލި ލަސްވަމުންދާކަން ފާހަގަކުރެވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މާލޭ ސިޓީ ކައުންސިލުގެ ޖަލްސާތައް ކޯރަމް ހަމަނުވެ ވިދިވިދިގެން ބާޠިލުވަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ހަފުތާތަކަކަށްފަހު ޖަލްސާއެއް ބޭއްވުނީ މިދިޔަ ހަފުތާގައެވެ. ޕީއެންސީގެ ކައުންސިލަރުން ޖަލްސާތަކަށް ހާޒިރުނުވުމުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ދިނުމަށް ހުރަސްއެޅި، ކައުންސިލުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބައެއް ކައުންސިލަރުން ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.